މުސްލިމުން ޤުދުސްގައި ދެވަނަފަހަރަށް ވެރިކަންކުރުން:
މުސްލިމުންގެ ޤާއިދު صلاح الدين الأيوبي ކުރެއްވި މަސައްކަތުން މުސްލިމުންގެ ލަޝްކަރު އެއްކޮށް ޞަލީބީންނާއި ދެކޮޅަށްރުކުރުވާލައި ޙިއްޠީންކިޔޭ ސަރަހައްދުގައި ވަރުގަދަ ހަނގުރާމައެއްކޮށް ޞަލީބީން ބަލިކޮށްލައި އިސްލާމީ އުންމަތް ފަޚުރުވެރިވާފަދަ ނަޞްރެއް ހޯދައި ދެއްވިއެވެ. އަދި އެއިރު ޤުދުސްގައި ވަޒަންވެރި ވެގެންތިބި މަސީހީންނާއި މެދު ހެޔޮކޮށް މުޢާމަލާއިކުރެއްވުމުން صلاح الدين الأيوبي އަށް މަސީހީންގެ ލޯބިވެސް ލިބިގެންދިޔައެވެ. އެއަށްފަހު  قبة الصخرة ގައި ނަގާފައި ހުރި ޞަލީބު ތިރިކޮށް އަލުން ޤުދުސް މަރާމާތުކޮށް ޤުުދުސް ދުޝްމަނުންގެ ކިބައިން ރައްކާތެރިކުރުމަށް އަހަމިއްޔަތުކަންދެއްވިއެވެ.

ޞަލީބީންގެ ދެވަނަ ޒަމާން:
ޞަލާޙުއްދީން ނިޔާވެދިޔުމަށްފަހު ޞަޤްލިއްޔާ ( Sicily ) ރަސްގެފާނު ފްރެޑްރިކް ގެ މަސައްކަތުން އަނެއްކާވެސް ޞަލީބީންގެ ބާރުގެ ދަށަށް ޤުދުސް ދިޔައެވެ. ނަމަވެސް ގާތްގަޑަކަށް 11 އަހަރަށްފަހު މީލާދީން 1244 ގައި އައްޔޫބީންގެ އެއިރުގެ ރަސްގެފާނު الصالح نجم الدين أيوب ޞަލީބީންގެ ކިބައިން ޤުދުސް މިނިވަންކޮށް އަނބުރާ މުސްލިމުންގެ ބާރުގެ ދަށަށް ގެންނެވިއެވެ.

މަމާލިކުންގެ ވެރިކަން:
ޤުދުސްގައި މަމާލިކީން ވެރިކަންކުރި ދުވަސްވަރު ވެސް ޤުދުސް އަށް މަޣޫލުންގެ އުނދަގުލާއި ދުއްތުރާތައް ކުރިިމަތިވެގެންދިޔައެވެ. މިކަމުގެ ސަބަބުން މީލާދީން 1259 ގައި  سيف الدين قطز އާއި الظاهر بيبرس ގެ ލީޑާރޝިޕްގެ ދަށުން މުސްލިމުން މަޣޫލުންނާއި ފިސާރި ވަރުގަދަ ހަނގުރާމައެއްކޮށް ޢައިންޖާލޫޠުގައި މަޣޫލުންގެ މަށްޗަށް ވަރުގަދަ ނަސްރެއް ހޯދިއެވެ. މަމާލިކުންގެ ވެރިކަން ޤުދުސް އާއި މިސްރާއި ޝާމްކަރަގައި 1517މ ހަމަޔަށް ދެމިއޮތެވެ.

އުޘްމާނީންގެ ވެރިކަން:
އުސްމާނީންގެ ލަޝްކަރު ފަލަސްޠީނަށް ވަދެގަތީ السلطان سليم الأول ގެ  ވެރިކަމުގެ ދަށުން   مرج دابق ގެ ހަނގުރާމައަށްފަހު މީލާދީން 1615- 1616މ ގައެވެ. އެއަށްފަހު ޢުޘްމާނީ ޚިލާފަތުގެ ދަށަށް ޤުދުސް ވަދެގެންދިޔައެވެ. އަދި މީލާދީން  1831 ން 1840  އާއި ދެމެދު މިޞްރުގައި محمد علي އުފެއްދި ވެރިކަމުގައި ޤުދުސް މިޞްރާއި ގުޅާލިއެވެ. އެއަށްފަހު އަނެއްކާވެސް އުޘްމާނީ ޚިލާފަތުގެ ދަށަށް ޤުދުސްގެ ވެރިކަން ފޮރޮޅުނެވެ. އަދި ފުރަތަމަ ބޮޑުހަނގުރާމަޔާއި ޖެހެންދެންވެސް ޤުދުސްގައި ވެރިކަން ކުރަމުން ދިޔައީ އުޘްމާނީންނެވެ.

އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ޤުދުސް:
ފުރަތަމަ ބޮޑުހަނގުރާމައިން އުޘްމާނީން ބަލިވެ ޤުދުސުން އުޘްމާނީން ނެރެބޭރުކޮށްލިއެވެ. މިލާދީން 1917 ގައި އިންގިރޭސީންގެ ހިމާޔަތުގެ ދަށަށް މުޅިފަލަސްޠީނާއި ޤުދުސް ގެންދިޔައެވެ. އަދި އިނގިރޭސީންގެ ބެލުމުގެ ދަށުން ފަލަސްޠީނުގެ ވެރިރަށަކީ ޤުދުސް ކަމުގައި ނިންމިއެވެ. މިލާދީން 1920 ން– 1948 އާއި ދެމެދު ވެގެން ދިޔައީ އާދުވަސްވަރަކަށް ފަލަސްޠީނު ކުރިމަތިލި ދުވަސްވަރަކަށެވެ. ޚާއްސަގޮތެއްގައި އިނގިރޭސިން  އެމީހުން 1917 ގައި ޔަހޫދީންނަށް ވެފައިވާ އެއްބަސްވުމެއްގެެ (Balfour Declaration)  ދަށުން ފަލަސްޠީނަަށް ޔަހޫދީން ހިޖުރަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީ އިތުރުކުރުވަމުން ދިޔައެވެ.

އިނގިރޭސީންގެ ޙިމާޔަތުންވީއްލުމާއި އިސްރާޢީލު ކިޔާ ދައުލަތެއް އިޢުލާނުކުރުން:
މީލާދީން 1948 ގައި އިނގިރޭސީންގެ ހިމާޔަތުން ފަލަސްޠީނު މިނިވަންކުރިކަން އިޢުލާންކޮށް އެމީހުންގެ ބާރުތައް ފަހަތައްޖެއްސިއެވެ. މިއަސްކަރީ އަދި ސިޔާސީ ހުސްކަމުގައި ޞިހްޔޫނީން އެމީހުންގެ އިސްރާޢީލު ދައުލަތް ޤާއިމްކުރިކަން އިޢުލާންކުރިއެވެ. އަދި 03 ޑިސެންބަރ 1948 ގައި އިސްރާޢީލުގެ ބޮޑުވަޒީރު ޑޭވިޑް ބެން ގޯރިއަން ( David Ben-Gurion) އިސްރާއީލުގެ ވެރިރަށަކީ ހުޅަނގު ޤުދުސް ކަމުގައި އިޢުލާނުކުރިއެވެ. އެއިރު އިރުމަތީ ޤުދުސް އޮތީ އުރުދުންގެ ބާރުގެ ދަށުގައެވެ. ނަމަވެސް ޖޫން  1967މ ގައި ކުރެވުނު ޢަރަބި އިސްރާއީލު ހަނގުރާމައިގައި ޢަަރަބީން ބަލިވެ އިރުމަތީ ޤުދުސް ވެސް އިސްރާއީލުގެ އަޅުވެތިކަމުގެދަށަށް ދިޔައެވެ.

(މި ލިޔުމަކީ ތަރުޖަމާކޮށް ލިޔަމުންދާ ލިޔުމެކެވެ.)
(ނިމުނީ)