އަޤްޞާގެ ޠޫފާނުގެ ނަމުގައި އަޅުގަނޑު ލިޔަމުން މި ގެންދާ ސިލްސިލާގެ 1 އާއި 2 އިން، މި ހަނގުރާމާގައި، ފަލަސްޠީނުގެ މުޖާހިދުންގެ ފެކްޝަންތަކުން އިޒްރޭލުގެ ޞުހްޔޫނީ ލަޝްކަރާ ދެކޮޅަށް ބޭނުންކުރަމުންދާ ބައެއް އުކުޅުތަކުގެ މަޢްލޫމާތު ވާނީ، ތިޔަ ބޭފުޅުންނާ ހަމައަށް ގެނެސްދެވިފައެވެ. މިފަހަރު އަނެއްކާވެސް މި ބައްދަލުކޮށްލީ މުޅިން އާ މަޢްލޫމާތުކޮޅަކާ އެކުގައެވެ. 

 

މި ހަނގުރާމާގައި މުޖާހިދުން، ބޭނުންކުރަމުންދާ އަނެއް އުކުޅަކީ:

•      [ޒީރޯ ޑިސްޓެންސް]: (ޢަދުއްވުންގެ ތެރެއަށް، އެއްވެސް ބިރެއް ނެތި ވަދެ، ޙަމަލާ ދިނުން)؛

ޒީރޯ ޑިސްޓެންސަކީ ޣައްޒާގެ ހަނގުރާމާގައި މުޖާހިދުންގެ ފެކްޝަންތަކުން ބޭނުންކުރަމުންއަންނަ އާދަޔާ ޚިލާފު އުކުޅެކެވެ. މުޖާހިދުން މި އުކުޅު ބޭނުންކުރަންފެށީ އިޒްރޭލުގެ ލަޝްކަރާއި މުޖާހިދުންނާ ދެމެދު މިހާރު ހިނގަމުންމިދާ ހަނގުރާމަ، "އަޤްޞާގެ ޠޫފާނު] ގައެވެ. މި އުކުޅު ބޭނުންކުރެވެނީ އިދިކޮޅު ލަޝްކަރުގެ ހަނގުރާމަވެރިންނާ ސިޓީތަކުގެ ތެރޭގައި ކުރިމަތިލުމަށެވެ. 

 

މިކަމުގައި މުޖާހިދުން ކަންތައް ކުރާ ގޮތަކީ، އިދިކޮޅު ހަނގުރާމަވެރިންނާ، ނުވަތަ އެމީހުންބޭނުންކުރާ ޓޭންކްފަދަ ޢަސްކަރީ އުޅަނދުތަކާ، ވީހާވެސް ކައިރިއަށް ނިކުމެ، ވަގުތުން ޙަމަލާ ދެނީއެވެ. މި އުކުޅު ބޭނުންކުރުން ބިނާވެފައި އޮންނަނީ، ދެފަރާތުން ކުރިމަތިލާ ގޮތެއްގެ މައްޗަށެވެ. އެއް ޢިމާރާތެއްގެ ތެރޭގައި، ނުވަތަ ކުޑަ ގޮޅިއެއްގެ ތެރޭގައި، ނުވަތަ ދެ ލަޝްކަރުގެ ހަނގުރާމަވެރިން، އެއްބަޔަކު އަނެއް ބަޔަކާ ވަރަށް ކައިރީގައި ވާ ޙާލަތުގައެވެ. މިފަދަ ޙާލަތްތަކުގައި މުޖާހިދުންގެ ފެކްޝަންތަކުން ހަދާ ގޮތަކީ، ކުއްލިއަކަށް ހޮހަޅަ ތަކުން ނިކުމެ ދުޝްމަނުންގެ ޓޭންކުތަކާއި ވެހިކަލްތަކުގައި ނުރައްކާތެރި ގޮވާ ތަކެތި ހަރުކުރަނީއެވެ. ދެން އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ދުރަށް ގޮސް ފިލައި ތިބެ، ހަރުކުރި ތަކެތި ގޮއްވާލަނީއެވެ. 

 

ސިޓީތަކުގައި ކުރާ ހަނގުރާމަ ވެގެން ދަނީ، ހީކުރާވަރަށްވުރެ މާ އުނދަގޫ ކަމަކަށެވެ. ޚާއްޞަ ގޮތެއްގައި، ޣައްޒާއަކީ ރަށްވެހިން ގިނަވުމުގެ ސަބަބުން ތޮއްޖެހިފައިވާ ރަށަކަށްވެފައި، އެފަދަ ބިމެއްގައި ހަނގުރާމަކުރުމަށް ޢަދުއްވުން ޚަރަދުކުރަން ޖެހޭ ފައިސާގެ ޢަދަދުގެ ގިނަކަމުންނެވެ. އިޒްރޭލް މި ހަނގުރާމާގައި ބޭނުންކުރަމުންދާ މެކާވާ ((Merkava ޓޭންކުތަކުގެ އަގަކީ ގާތްގަނޑަކަށް3.5  މިލިޔަން އެމެރިކާ ޑޮލަރެވެ. މިހަނގުރާމަ މިހިސާބަށް ދެމިގެން ދިޔައިރު، މުޖާހިދުން ވަނީ، ޒީރޯ ޑިސްޓެންސް ބޭނުންކޮށްގެންނާއި އެހެނިހެން ގޮތްގޮތުން، އިޒްރޭލް ސިފައިންގެ މި އަގުބޮޑު ޓޭންކުތަކުގެ ތެރެއިން އެއްހާހަށްވުރެ ގިނަ ޓޭންކު ހަލާކުކޮށްލާފައެވެ. އަދި މުޖާހިދުން ދަނީ، ޓޭންކުތަކުގެ އިތުރުން، އިޒްރޭލްގެ ސިފައިން ބޭނުންކުރާ ހަނގުރާމަމަތީ ހެލިކޮޕްޓަރާއި ތަފާތު އުޅަނދުތައް ގޮއްވަމުންނެވެ. ހަމަ އެކަނި މި އެންގަލުން ބަލާލިކަމުގައި ވިޔަސް، މި ހަނގުރާމާގައި އިޤްތިޞާދީ ގޮތުން އިޒްރޭލަށް ކުރިމަތިވަމުންދާ ގޮނެޖެހުންތައް މި ދަނީ ހާމަވަމުންނެވެ.    

 

އެމެރިކާގެ ރައީސް ޖޯބައިޑަން ވަނީ ޣައްޒާގައި ބިންމަތީގެ މިފަދަ ހަނގުރާމައެއްގެ ތެރެއަށް ނުވަނުމަށް އެތައްފަހަރެއްގެ މަތިން ނަތަންޔާހޫއަށް އިރުޝާދު  ދީފައެވެ. އަދި ޢިރާޤުގެ މޫޞަލް އާއި ފައްލޫޖާގައި،  އެމެރިކާ ކުރި ހަނގުރާމާގައި ހެދިފައިވާ ކުށްތަކުން ޢިބްރަތް ލިބިގަތުމަށް، ބައިޑަން ވަނީ ނަތަންޔާހޫއަށް ނަޞީޙަތްތެރި ވެފައެވެ. 

 

ޢަދުއްވުން ޣައްޒާގެ ބިން އަލިފާން ބޯޅައަކަށް ހެދުމަށްފަހު، ޣައްޒާގެ ޢިމާރާތްތައް ފުނޑުފުނޑުކޮށް ހަތަރެސްކަން ގޮޅިތަކަކަށް ހަދައި، އެ ތަންތަނަށް ވެރިވެގަތީ މި ސަބަބާ ހުރެއެވެ. އެއަށްފަހު، ރަށްވެހިން ޣައްޒާ ދޫކޮށް ޚާން ޔޫނުސް އަށާއި ރަފަޙް އަށް ދިއުމަށް، ޣައްޒާއަށް ޕްރެޝަރު ކުރި ސަބަބަކީވެސް މިއީއެވެ.

 

ކޮންމެއަކަސް އިޒްރޭލުގެ ސިފައިން ޣައްޒާއަށް ވަދެ، ދެމުން ގެންދާ ހަމަލާތަކުގައި އެ މީހުންނަށް ހަމަ އެކަނި ކުރެވޭ ކަމަކީ، ޣައްޒާގެ ކުށެއްނެތް ޢާއްމު ރައްޔިތުންނާއި މަޢްޞޫމު ކުޑަކުދިންނާއި ޢާއިލާތައް ޝަހީދުކޮށް ޣައްޒާގެ ޢިމާރާތްތައް ބިމާ ހަމަކުރުމެވެ. ނަމަވެސް މުޖާހިދުންނާ ބަދަލުކުރެވޭ ޙަމަލާތަކުގައި ޢަދުއްވުން ދަނީ، އެއްދުވަހުން އަނެއް ދުވަހަށް ގޮތް ހުސްވެ އާސޯޚުވަމުންނެވެ. އަދި މުޖާހިދުންގެ ވަރުގަދަ ރައްދުތަކުން މަރުވެގެންދާ އިޒްރޭލު ސިފައިންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. މިކަން އެނގެނީ، ޒަޚަމްވެގެން ވެއްޓޭ  ސިފައިން، އެމީހުންގެ އަސްކަރީ ހެލިކޮޕްޓަރުތަކުން އިޒްރޭލުގެ ހޮސްޕިޓަލްތަކަށް ކެނޑިނޭޅި އުފުލަމުންދާ ދިއުމެވެ. 

މުޖާހިދުންގެ ބަސްމަގު ހުރި ގޮތުން، ކުރިޔަށް އޮތް ދުވަސްތަކަކީ، ޞުހްޔޫނީ ޢަދުއްވުންގެ ލަޝްކަރުގެ ސިފައިންގެ ކަރުތެރޭގައި ހިތިރަހަ ލައްވައިލާނެ ދެވަސްތަކެކެވެ. 

އަޤްޞާގެ ޠޫފާނުގެ މި ސިލްސިލާގައި ދެން އޮތީ ތިޔަ ބޭފުޅުން މާ ޝައުޤުވެރިވެ ވަޑައިގަންނަވާނެ ޚަބަރު ތަކެކެވެ. އެހެންކަމުން ސިލްސިލާގެ ދެން އޮތް ބަޔަށް އިންތިޒާރު ކޮށްލައްވާށެވެ!