ހަނގުރާމައަކީ މަކަރެކޭ ބުނެވެއެވެ. ނަޞްރު ހޯދުމަށްޓަކައި އިދިކޮޅު ލަޝްކަރަށް ކުއްލި ސިހުމެއް ދެވޭފަދަ ސްޓްރެޓެޖީއެއް ބޭނުންވެއެވެ. އެހެންކަމުން، ޞުހްޔޫނީ ލަޝްކަރަށް ކުއްލި ސިހުމެއް ދިނުމުގައި އެކަކުވެސް ހީނުކުރާފަދަ ކާމިޔާބެއް މުޖާހިދުން ހޯދިއެވެ. އެ ސިހުމަކީ ޣައްޒާގެ ތެރޭގައި މުޖާހިދުންގެ ލަޝްކަރަށް އުޅެވޭ ގޮތަށް އަށް ކިލޯމީޓަރުގެ ފުންމިނުގައި ހަދާފައިވާ ހޮހަޅަ ތަކުގެ ތެރޭގައި މުޖާހިދުން ރައްކާތެރިކަމާއެކު އުޅެމުން ދިއުމުގެ ސަބަބުން ލިބުނު ސިހުމެވެ. މީގެ ސަބަބުން އިދިކޮޅު ލަޝްކަރު، މަޢްނަވީ ގޮތުންނާއި ޢަސްކަރީ ގޮތުން ބަލިކަށިވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޢަދުއްވުންގެ ލަޝްކަރުން އެއްބަޔަކު ޤަތުލުވެ، އަނެއް ބަޔަކު އަސީރުންނަށްވެ، ލަޝްކަރު ނިކަމެތިވެ ކަމީނާ ވެގެން ހިނގައްޖެއެވެ. އެހެންކަމުން އިޒްރޭލުގެ ލަޝްކަރުގެ ތެރޭގައި ބިރުވެރިކަމުގެ ޙާލަތު އުފެދިގެން ދިޔަތަން ވަރަށް ރީއްޗަށް ފެނިގެން ދިޔައެވެ.
އޮބްޒާވަރުން ބުނާ ގޮތުން [އަޤްޞާގެ ޠޫފާން] ގެ ސަބަބުން އިޒްރޭލުގެ ސެކިޔުރިޓީގެ ބަލިކަށިކަން، މުޅި ދުނިޔެއަށް ހާމަވެގެން ހިނގައްޖެއެވެ. އަދި އެ ތަނުގެ ސެކިޔުރިޓީ، ފައިދިގު މަކުނުގެ ގެއަކަށްވުރެވެސް ބަލިކަށިކަން ފެނިގެން ހިނގައްޖެއެވެ.
މިއާ ޚިލާފަށް، މުޖާހިދުންގެ ފެކްޝަންތަކުން ވަނީ ހަތިޔާރު އެތެރެކުރުމަށް ދަތިކޮށްފައިވުމުގެ ސަބަބުން، އަމިއްލަ ހަތިޔާރުތައް އުފައްދައި، އެ ހަތިޔާރުތައް އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީކޮށް، ލަޝްކަރު އެތައް ގުނައަކަށް ވަރުގަދަ ކޮށްފައެވެ. އެހެންކަމުން، މުޖާހިދުން މިއަދު ވަނީ، ހަނގުރާމައިގައި ބޭނުންކުރާނެ ހަތިޔާރު އުފައްދައި އެ ތަރައްޤީކުރާނެ ފެކްޓަރީ ތަކާއި ހަތިޔާރު ރައްކާކުރާނެ ގުދަންތައް، ހޮހަޅަތަކުގެ ތެރޭގައި ހަދައި ތައްޔާރު ކޮށްފައެވެ. އަދި މި މަސައްކަތުގައި މުޖާހިދުން ދަނީ، ހަތިޔާރު ހެދުމުގައި ޓެކްނޮލޮޖީގެ ބޭނުން، ފުރިހަމައަށް ކުރަމުންނެވެ. އަދި ހަމަ އެހެންމެ، ސައިބަރނެޓިކްގެ ރޮނގުން ހަތިޔާރު ތަރައްޤީކުރުމަށްވެސް މުޖާހިދުން އިސްކަން ދީފައިވާކަން ހާމަވެއެވެ. އިޒްރޭލާ ދެކޮޅަށް މުޖާހިދުންގެ ފެކްޝަންތަކުން ބޭނުންކުރި ސްޓްރެޓިޖީ ހާމަވެގެން ދިޔައީ މިހާ ހިސާބުންނެވެ.
ޙައިރާން ވާން ޖެހޭ ކަމަކީ، މުޖާހިދުންގެ ފެކްޝަންތަކުން ކުރާ ހުރިހާ ކަމެއް، އިޒްރޭލުގެ އިންޓެލިޖެންސަށް އެނގޭކަމަށް ދަޢުވާ ކޮށްކޮށް ތިއްބާ، މުޖާހިދުން މިވަނީ، ހުށިޔާރުކަމާއެކު، އިޒްރޭލްގެ އިންޓެލިޖެންސް، [މޮސާޑް] ޕެރެލައިޒް ކުރުމަށްފަހު، މުޖާހިދުން ބޭނުންވާ މަޢްލޫމާތު ލިބިގަނެ، މުޖާހިދުންނާ ބެހޭގޮތުން އިޒްރޭލު ބޭނުންވާ މަޢްލޫމާތު، ކާމިޔާބުކަމާއެކު، އޮޅުވާލާފައެވެ.
މީގެ އިތުރުން، މުޖާހިދުން ވަނީ، އިޒްރޭލްގެ ސަވައިލެންސް ސިސްޓަމް ތައް ފެއިލްކޮށްލުމުގައިވެސް ކާމިޔާބު ހޯދާފައެވެ. މި މަސައްކަތުގައި މުޖާހިދުން ބޭނުންކޮށްފައިވަނީ، ގިނަ ޢަދަދެއްގެ ޑްރޯންތަކެކެވެ. އަޤްޞާގެ ޠޫފާން ފެށުނީއްސުރެ، ސައިބަރނެޓިކް އެޓޭކްތައް މި ސިސްޓަމްތަކަށް އަމާޒުވަމުން އަންނަތަން ދަނީ ފެންނަމުންނެވެ. މިގޮތުން އިޒްރޭލުގެ އިމުގައި ލެވިފައިވާ ފާރުގައި ހަރުކުރެވިފައިވާ ސިސްޓަމްތަކަށާއި، ޓެލްއަވީވްގެ ކޮމިޔުނިކޭޝަނަށް ވަނީ އެޓޭކް ދެވިފައެވެ.
އަދިހަމަ މިއާއެކު، މަޢްލޫމާތު އެއްކުރުމުގެ ޖާސޫސީ އޮޕަރޭޝަންތަކާއި، މަޢްލޫމާތު އޮޅުވާލައި ވިއްސިވިހާލި ކޮށްލުމުގެ އޮޕަރޭޝަންތައްވެސް، މުޖާހިދުން ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންތައް ހިންގުމުގައި މުޖާހިދުން ދިޔައީ، އަޤްޞާގެ ޠޫފާން ފެށުމުގެ އަހަރެއްހާ ދުވަސް ކުރީއްސުރެ ތައްޔާރު ވަމުންނެވެ. އެމެރިކާގެ ރިޕޯޓުތަކުގައި އިޝާރާތް ކޮށްފައިވާ ގޮތުން، މުޖާހިދުންގެ ފެކްޝަންތަކުން ދަނީ، ޢަދުއްވުން ޙައިރާންވެ އަންތަރީސްވާފަދަ ކަންތައްތައް ހިންގުމުގެ ކުޅަދާނަކަން ހޯދާފައެވެ. އަދި އެ މީހުންގެ ތައްޔާރީތައް އިޒްރޭލްގެ ލޯމަތިން ފޮރުވުމުގެ ކުޅަދާނަކަންވެސް ހޯދާފައެވެ. މީގެ ސަބަބުން އިޒްރޭލަށް، އެމީހުންގެ އިންޓެލިޖެންސާ މެދު އޮތް އިތުބާރަށް ވަނީ ނޭދެވޭ އަސަރު ކޮށްފައެވެ. އަދި އިޒްރޭލުގެ ރައްޔިތުންގެ މެދުގައިވެސް އޭގެ އިތުބާރާމެދު ވަނީ ސުވާލު އުފެދިފައެވެ.
މުޖާހިދުންގެ އަތުގައި މިހާރުވެސް، ސްޓްރެޓެޖިކް އޮޅުވާލުންތަކުގެ ޕްލޭނާއި ކުއްލި ސިހުން ގެނުވާފަދަ އެލެމެންޓްތަކުގެ ތެރެއިން މި ހަނގުރާމާގައި މިހާތަނަށް ފާޅުނުކުރާ ޓާގެޓްތަކުގެ ބޭންކެއް އެބަހުއްޓެވެ. ޣައްޒާގައި މިހާރު ހިނގަމުން މިދާ ހަނގުރާމައަށް، ކުރިޔަށް އޮތް ދުވަސްތަކުގައި ފިނިކަމެއް ނައިނަމަ، މި ދެންނެވި ބޭންކުގެ ބޭނުން ހިފައިގެން، މުޖާހިދުން ޙަމަލާތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކޮށް، މައިދާން ތަނަވަސްކުރުމަކީ ވަރަށް ކައިރި ކަމެކެވެ.