ރޯމަނުންގެ ވެރިކަން: (63 ބީ.ސީ – 636މ)
ރޯމަނުންގެ ލަޝްކަރުގެ ވެރިޔާ ޕޮންޕެޖީ Pompeji 63 ބީ.ސީ ގައި ޤުދުސް އަށް ވެރިވެގަނެ ރޯމަނުންގެ އެމްޕަރާގެ ވެރިކަމުގެ ތެރެޔަށް ގުދުސް އެއްކޮށްލިއެވެ. އަދި ރޯމަނުންގެ ވެރިކަން މީލާދީން 636 އާއި ހަމައަަށް ދެމިގެންދިޔައެވެ. މިދުވަސްވަރުގެ ތެރޭގައި ގިނަގިނަ ހާދިޘާތައް ޤުދުސްގައި ހިނގައިފައިވެއެވެ. މިގޮތުން މީލާދީން 66 ފެށިގެން 70 އާއި ދެމެދު ޔަހޫދީން ހިންގި މަދަނީ ނުކިޔަންތެރިކަން ދެއްކުމުގެ ނަތީޖާއަކަށްވެގެންދިޔައީ އެއިރު ޤުދުސްގައި ހުރި ރޯމަނުންގެ ޙާކިމް ޓިޓޮސް (Titus ) ބާރުގެ ބޭނުންކޮށް މުޅިމަދީނާ އަންދާލާ ޔަހޫދީން އަސީރުކުރުވިއެވެ. އެއަށްފަހު އަނެއްކާވެސް ކަންކަން ހަމަޔަކަށް އެޅުނެވެ. ނަމަވެސް ޔަހޫދީން ދެވަނަ ފަހަރަށް މަދަނީ ބަސްނޭހުމެއްގައި ނުކުމެ މީލާދީން 115 އާއި 132މ ގައި ޤުދުސް އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ރޯމާނުންގެ އެމްޕަރާ ހަޑްރިއަން  (Hadrian )ބާރުގެ ބޭނުންކޮށް އެއިރުޤުދުސްގައި ތިބި މަސީޙީން ފިޔަވައި އެންމެ ޔަހޫދީން ޤުުދުސުން ނެރެލައި ބޭރުކޮށްލައި ޤުދުސްގެ ނަން "إيلياء" އަށް ބަދަލުކޮށް ޔަހޫދީއަކަށް ޤުދުސްގައި ވަޒަންވެރިނުވެވޭގޮތް ހެދިއެވެ.

ކަނީސަތުލް ޤިޔާމާ:
ރޯމަނުންގެ އެމްޕަރާ قسطنطين 1 (Constantine I) ރޯމަނުންގެ ވެރިރަށް (ރޫމް) އިން ބައިޒަންޓައިން (Byzantium) އަށް ބަދަލުކޮށް ދައުލަތުގެ ރަސްމީ ދީނަކީ ކްރިސްޓިއަން ދީންކަމަށް އިޢުލާނުކުރިއެވެ. މިކަމުގެ ސަބަބުން ޤުދުސްގައި މަސީޙީން  މީލާދީން 326މ ކަނީސަތުލް ޤިޔާމާ ބިނާކުރިއެވެ.

ފާރިސީންގެ އެނބުރިއައުން :
މީލާދީން 395 ގައި ރޯމަނުންގެ ވެރިކަން ބައިބައި ވުމަމީ ފާރިސީންނަށް ޤުދުސަށް ވެރިވުމަށް ލިބުނު ރަނުގެ ފުރުޞަަތަކަށްވިއެވެ. އެހެންކަމުން މީލާދީން  614 ގައި ން 628 ފާރިސީންގެ ވެރިކަން ޤުދުސްގައި ހިނގިއެވެ. އަދި ރޯމަނުން އެެމީހުންގެ ބާރުގެ ދަށަށް ޤުދުސް ގެނެވޭތޯ ކުރިމަސައްކަތުުން އަނެއްކާ ވެސް ޤުދުސް މީލާދީން 636މ އެމީހުންނަށް ލިބިގެން ދިޔައެވެ.

އިސްރާއު އަދި މިޢުރާޖުގެ ހާދިޘާ: (621م/ 10هـ)
ގާތްގަނޑަކަށް މިލާދީން 621 ގައި މިއުންމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم  މައްކާގެ މަސްޖިދުލް ޙަރާމުން މަސްޖިދުލް އަޤުޞާ އަށް   ޤުދުސް އަށް ގެންދެވުނެވެ. އަދި އެއަށްފަހު އުޑުކޮޅުތަކަށް އަރައިވަޑައިގަތެވެ.

މުސްލިމުން ޤުދުސް ފަތަޙަކުރުން-  ފުރަތަމަ ޒަމާން : (636 - 1072م)
މުސްލިމުންގެ 2 ވަނަ ޚަލީފާ عمر بن الخطاب رضي الله عنه ޤުދުސް އަށް ވަދެވަޑައިގެންނެވީ  ހިޖުރައިން 15 ވަނަ އަހަރު މީލާދީން 636 ނުވަތަ 638 ގައެވެ.

މުސްލިމުންގެ ލަޝްކަރަށް ޤުދުސް ފަތަޙަ ވެގެންދިޔައީ މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ أبو عبيدة عامر بن الجراح އަށް ޤުދުސްގެ ޙާކިމް بطريرك صفرونيوس ( Patriarch Sophronius) ޢުމަރުގެފާނަށް މެނުވީ ޤުދުސް ޙަވާލު ނުކުރެއްވުމަށް ޝަރުޠުކުރެއްވުމާއި އެކުގައެވެ. އެހިނދު ޢުމަރުގެފާނު ޤުދުސްއަށް ވަޑައިގެން އެތަނުގެ ނަޞާރާއިންނާއި އެކު " العُهدة العُمَريَّة" އެއްބަސްވުން އެކުލަވާލިއެވެ. މި އެއްބަސްވުމަކީ މަސީޙީންނަށް ފުރިހަމަ މިނަިވަންކަމާއިއެކު އެމީހުންގެ ދީނުގެ މަތީގައި ތިބުމުގެ ފުރުޞަތު ޖިޒީދިނުމާއި އެކު އޮތްކަން އަންގައިދޭ އެއްބަސްވުމެކެވެ. މިއެއްބަސް ވުމުގައި ޤުދުސްގައި އެއްވެސް ޔަހޫދީއެއް ވަޒަންވެރިކުރުވައިގެންނުވާނެކަމަށް ޝަރުޠުކުރެވިފައިވެއެވެ.

މިހާހިސާބުން ޤުދުސް މުސްލިމުންގެ ވެރިކަމުގެ ނިޒާމުގެ ދަށަށް ވަދެގެން ދިޔައީއެވެ.

ތަރައްޤީއާއި ތަހުޒީބުގެ ދަންމަރަކަށް މުޅިޤުދުސް އަލިވިލުނީއެވެ. އުމަވީންގެ ޚަލީފާ عبد الملك بن مروان ގެ ދުވަސްވަރު ޤުދުސްގެ މަސްޖިދުލް އަޤްޞާގެ ޙަރިމް ތެރޭގައި އިމާރާތްކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ލާމަސީލު 8 ކަން މިސްކިތެއް ބިނާކުރެއްވިއެވެ. އެއީ مسجد قبة الصخرة އެވެ. މިއަދުވެސް މަސްޖިދުލް އަޤުޞާގެ ހަރިމް ތެރޭގައި ރަންކުލައިގެ ގުއްބެއްގައި އެފެންނަނީ  މިިމިސްކިތެވެ.

މުސްލިމުންގެ ވެރިކަން އެއްވެރިކަމުން އަނެއްވެރިކަމުން ފުރޮޅިގެން ދިޔަނަމަވެސް ޤުދުސް މުސްލިމުންގެ ބާރުގެ ދަށުގައި މިނިވަން މާޙައުލެއްގައި މިލާދީން 1099 ވަނަ އަހަރާއި ހަމަޔަށް ދެމިއޮތެވެ.

ޞަލީބީންގެ ވެރިކަން:
މުސްލިމުންގެ ވެރިަކަމުގެ ދަށުގައި ގާތްގަޑަކަށް 5 ޤަރުނު ހޭދަވުމަށްފަހު މުސްލިމުންގެ ވެރިކަމުގެ ނިޒާމުގައި ސަލްޖޫޤީންނާއި ފާޠިމީންގެ މެދުގައި އުފެދުނު ކޯޅުންގަނޑުގެތެރޭގައި ޞަލީބީން ޤުދުސްއަށް ވަދެގަތެވެ. ގާތްގަޑަކަށް 70 ހާސްމުސްލިމުން ގަތުލުކޮށް ޝަހީދުކޮށްލައި މުސްލިމުންގެ އެކިތަންތަނަށް ބޮޑެތި ގެއްލުންތައްދިނުމަށްފަހު މީލާދީން 1099 ގައި އެމީހުންގެ ބާރުގެ ދަށަށް ޤުދުސްގެންދިޔައެވެ. އެއަށްފަހު ޤުދުސްގައި މަސީޙީންގެ ކެތޮލިކް ނިޒާމްގެ ޝިޢާރުތައްފާޅުކުރާ ވެރިކަމެއްފެށުނެވެ.  އަދި މި ވެރިކަން 88 އަހަރަށް ދެމިގެންދިޔައެވެ.

(މި ލިޔުމަކީ ތަރުޖަމާކޮށް ލިޔަމުންދާ ލިޔުމެކެވެ.)
(ނުނިމޭ)