ޤުދުސްގެ ތާރީޚަށް އަލިއަޅުވާލާނަމަ ރުޖޫއަވާން ޖެހެނީ މީގެ 5 ހާސް އަހަރު  ކުރިއަށެވެ. މިއީ ދުނިޔޭގެ އެންމެ ޤަދީމީ ސިޓީ ތަކުގެ ތެރެއިން ހިމެނޭ އެއްސިޓީއެވެ. މިދިގު ތާރީޚުގައި މިސިޓީގައި ވަޒަންވެރިވި އެކި އެކި ވަޒަންވެރީން މިސިޓީއަށް އެކިނަންތައް ދިނެވެ.
މީލާދީން ސަނަތުގެ 3000 އަހަރުކުރިން  ކަންޢާނީން މިބިމަށް ހިޖުރަކުރުމަށްފަހު މިތަނަށް "أورساليم" "أورشليم"  ގެ ނަން ދިނެވެ. މާނައަކީ ސަލާމާތްތެރި ރައްކާތެރި ސިޓީއެވެ. ނުވަތަ އިލާހުގެ ރައްކާތެރި ސިޓީއެވެ. ޢިބްރީ ބަހުން ކިޔަނީ " "يروشاليم" އެވެ. މާނައަކީ މުގައްދަސް ގެކޮޅެވެ. ތަވްރާތުގައި މިނަން 680 ފަހަރު ޒިކުރުކުރެވިފައި ވެއެވެ.
ޔޫނާނީންގެ ދުވަސްވަރު މިސިޓީގެ ނަން މަޝްހޫރުވެގެން ގޮސްފައިވަނީ " إيلياء" އިލްޔާއުގެ ނަމުންނެވެ. މާނައީ ﷲ ގެ ގެކޮޅެވެ.
ކަންޢާނީން މިސިޓީގައި ކުރި އެންމެ ފާހަގަ ކުރެވޭ މަސައްކަތަކީ ޖީޙޫން ފެންގަޑުން ގުދުސްގެ ތެރެއަަށް ފެންލިބޭހެން ކޮނުނު ބިންގަރާހުގެ މަސައްކަތެވެ. ޖީޙޫން ފެންގަނޑު އޮންނަނީ ޤަދްރޫން ވާދީގައެވެ. މިއަދު މިތަނަށް ކިޔަނީ "ޢައިނު ސިލްވާނެވެ".

އަސްލު ޤުދުސްގެ ވަޒަންވެރިން:
ޔަބޫސީ ޤަބީލާގެ މީހުން (ކަންޢާނީންގެ ދަރިކޮޅުގެ ތެރެއިން ދަރިކޮޅެއް) ޤުދުސްގައި ވަޒަންވެރިވިކަމަށް ބުނެވެނީ މީލާދީ ސަނަތުގެ 2500 އަހަރުގެ ކުރިންނެވެ. އެއަށްފަހު މިސިޓީއަށް " ޔަބޫސް' ގެ ނަން ދިނެވެ.

ފިރުޢަވްނުންގެ ވެރިކަން : (16- 14 ބީ.ސީ):
ޤުދުސް މިސްރުގެ ބާރުގެ ދަށަށް ދިޔައީ މިލާދީ ސަނަތުގެކުރިން 16 ވަނަ ގަރުނުގެތެރޭގައެވެ. އެއަށްފަހު إخناتون ގެ ރަސްކަމުގެ ދުވަސްވަރު  "الخابيرو" ކިޔޭ ބަދަވީޤަބީލާތަކެއް ގުދުސްއަށް ހަމަލާދީ އެމީހުންގެ ބާރުގެ ދަށަށް ގުދުސް ގެނެއެވެ. އަދި މިޞްރުގެ ޙާކިމް (عبدي خيبا) އަށް ގުދުސް އަނބުރާ އެމީހުންގެ ބާރުގެ ދަށަށް ގެންނަށް މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި ޚަޕީރޯންގެ ބާރުގެ ދަށުގައި ދުވަސްތަކެއްވަންދެން ޤުދުސް އޮތެވެ.  އަދި މިސްރުގެ ރަސްގެފާނު ސެޓީ 1 ވަނަ ( King Seti ) ގުދުސް މިނިވަންކުރަން ކުރި  މަސައްކަތުން މިސްރުގެ ބާރުގެ ދަށަށް ޤުދުސް އަނބުރާ ގެނެއެވެ.

ޔަހޫދީންގެ ވެރިކަން: (977- 586 ބީ.ސީ)
ޤުދުސްގެ ދިގު ތާރީޚުގައި ޔަހޫދީންގެ ވެރިކަމެއް ޤުދުސްގައި ދެމިގެން ގޮސްފައިވާތީ ފެންނަނީ އެންމެ 73 އަހަރުއަށެވެ. އެއީ މީލާދީ ސަނަތުގެ 977 ކުރިން  ދާވޫދު ޢަލައިހިއްސަލާމް ޤުދުސް އެކަލޭގެފާނުގެ ބާރުގެ ދަަށަށް ގެންދިޔަ ހިސާބުންވެ. ދާވޫދު ޢަލައިހިއްސަލާމް ޤުދުސް އެކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނެވުމަށްފަހު " ދާވޫދު ސިޓީ" ގެ ނަމުން ގުދުސްއަށް ނަން ދެއްވިއެވެ. އަދި ރީތި ގަނޑުވަރަކާއި ގިނަ ކިއްލާތަކެއް ބިނާކުރެއްވިއެވެ. ދާވޫދު ޢަލައިއްސަލާމްގެ ވެރިކަން ދެމިގެން ދިޔައީ 40 އަހަރަށެެވެ. އެއަށް އެވެރިކަން  ދާވޫދު ޢަލައިހިއްސަލާމްގެ ދަރިކަލުން ސުލައިމާން ޢަލައިހިއްސަލާމަށް ވާރުތަވިއެވެ. އަދި ސުލައިމާން ޢަލައިހިއްސަލާމް 33 އަހަރުވަންދެން ޤުދުސްގައި ވެރިކަންކުރެއްވިއެވެ. އެއަށްފަހު ސުލައިމާނުގެ ފާނުގެ ދަރިކަލުން (رحبعام) ގެ ވެރިކަމުގައި  ޔަހޫދީ ދައުލަތް ބައިބައިވެ ޤުދުސްގެ ނަން  "أور شليم " އަށް  އަނެއްކާވެސް ބަދަލުކުރެވުނެވެ.

ބާބިލީންގެ ވެރިކަން: (586 – 537 ބީ.ސީ)
ބާބިލުގެ ރަސްގެފާނު (نَبُوخَذُ، نَصَّر-ދެވަނަ) ފަލަސްޠިނަަށް އަރައި  ޔަހޫދީންގެ އެންމެ ފަހު ރަސްގެފާނު "صِدْقِيَا بن يُوشِيَا " ބަލިކޮށް މީލާދީ ސަނަތުގެ  586 އަހރުގެ ކުރިން  ގުދުސް އަޅުވެތިކޮށްލިއެވެ. އަދި ގުދުސްގައި ތިބި ޔަހޫދީން އަޅުވެތިކޮށް ޔަހޫދީންގެ ރަސްގެފާނުވެސް އަސީރުކޮށްގެން ބާބިލަށް ގެންދިޔައެވެ.

ފާރިސީންގެ ވެރިކަން: (537- 333 ބީ.ސީ)
ފާރިސީންގެ ރަސްގެފާނު ( قورش) ވެރިކަމުގައި ( 538 ބީ.ސީ ) ޔަހޫދީންނަށް ބާބިލުން ޤުދުސް އައުމުގެ ހުއްދަދެވުނެވެ.

ޔޫނާނީންގެ ވެރިކަން: (333 – 63 ބީ.ސީ)
ގަދަފަދަ އިސްކަންދަރު ރަސްގެފާނު ފަލަސްޠީނާއި ޤުދުސްއަށް ވެރިވެގަތީ މީލާދީ ސަނަތުގެ ކުރިން 333 ވަނަ އަހަރުއެވެ. އަދި އިސްކަންދަރު ރަސްގެފާނަށްފަހު މަޤުދޫނީންނާއި  ( Macedonian  ) ބަޠާލިމާއިން (Ptolemies ) ޤުދުސްގައި ވެރިކަންކުރަމުން ގެންދިޔައެވެ.  ބަޠްލައިމޫސް  (Ptolemy ) މިސްރުގައި އެމީހުންގެ ވެރިަކަމާއި ފަލަސްޠިނު އެއްކޮށްލީ 323 ބީ.ސީ ގައެވެ. އެއަށްފަހު މީލާދީ ސަނަތުގެ 198 ވަނަ އަހަރު ކުރިން ސޫރިޔާގައި އޮތް ސަލްޖޫގީންގެ ވެރިކަމުގެ ބާރުގެ ދަށަށް ޤުދުސް ދިޔައެވެ.

(މި ލިޔުމަކީ ތަރުޖަމާކޮށް ލިޔަމުންދާ ލިޔުމެކެވެ.)
(ނުނިމޭ)